ކައުންސިލަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލައެއް އޭސީސީ އިން ބަލަން ފަށައިފި

ބަލަނީ ކައުންސިލްގެ އޮޑިޓް ރިޕޯޓާ ގުޅޭ މައްސަލައެއް, މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ވެސް ބައިވެރިވޭ.

އައްޑޫ ސިޓީ ކައުންސިލްގެ ޖަލްސާއެއްގެ ތެރެއިން.
އައްޑޫ ސިޓީ ކައުންސިލްގެ ޖަލްސާއެއްގެ ތެރެއިން.

އައްޑޫ ސިޓީ ކައުންސިލަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ބަލަން ފަށައިފިއެވެ.

ފުލުހުންނާއި އޭސީސީ ގުޅިގެން މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާކަން ފުލުހުންގެ މީޑިޔާ އޮފިޝަލް ވެސް ވަނީ އައްޑޫޕްލަސް އަށް ކަށަވަރުކޮށްދީފައެވެ. އަދި އޭސީސީގެ މީޑިޔާ އޮފިޝަލް ވަނީ ބަލަމުން ގެންދަނީ އައްޑޫ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓާއި ގުޅޭ މައްސަލަތައް ކަން ކަށަވަރުކޮށްދީފައެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ 14 މައްސަލައެއް ތަހުގީގުކުރުމަށް ފުލުހުންނަށް އަންގަން މަޖިލީހުން ފާސްކުރިއެވެ. އެހެން ނަމަވެސް ސީދާ ބަލަނީ އެ ރިޕޯޓުގައި ހިމެނޭ ކޮން މައްސަލަތަކެއް ކަން އޭސީސީ އިން ސާފުކޮށްދީފައި ނުވެއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައިވާ ގޮތުން، ހަރަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީއާއި ކުރީގެ ލޯކަލް ގަވަރުމަންޓް މިނިސްޓްރީން އަންގާފައިވަނިކޮށް، 2023 އަދި 2024 ވަނަ އަހަރު ސިންގަޕޫރަށާއި މެލޭޝިއާއަށް ކުރި ތަޖުރިބާ ދަތުރުތަކަށް ކައުންސިލުން ވަނީ 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރުގެ ދަތުރަށް 515،101 ރުފިޔާ އަދި 2024 ވަނަ އަހަރުގެ ދަތުރަށް 685،509 ރުފިޔާ ހިމެނެއެވެ. 

ކައުންސިލަށް ކުރެވޭ ތުހުމަތުތަކާއިގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މީގެ ކުރިން ވިދާޅުވެފައިވަނީ، އޮޑިޓްގައި ފާހަގަކޮށްފައިވާ ގިނަ މުއާމަލާތްތަކަކީ ގާނޫނާ ހިލާފު ނުވަތަ ނާޖާއިޒު ކަންތައްތަކެއް ހިމެނޭ މުއާމަލާތްތަކެއް ނޫން ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0