ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ތަރައްގީއާއި މޫސުމީ ވިލުންތެރިކަމަކީ ވަކިނުކުރެވޭނެ ދެކަމެއް: ރައީސް

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ތަރައްގީއާއި މޫސުމީ ވިލުންތެރިކަމަކީ ވަކިނުކުރެވޭނެ ދެކަމެއް: ރައީސް

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ތަރައްގީއާއި މޫސުމީ ވިލުންތެރިކަމަކީ ވަކިނުކުރެވޭނެ ދެކަންކަމަށާއި، ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ނާޒުކު ޙާލަތުން އަރައިގަތުމަށް ބޭނުންވާ އެންމެ މުހިންމުކަމަކީ އެކަށީގެންވާ އަދި މާލީގޮތުން ބުރައަކަށްނުވާ ކްލައިމެޓް ފައިނޭންސިންގ ކަށަވަރުކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅުދެއްކެވީ ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ ކޮޕް31 ލީޑަރސް ސަމިޓުގެ ހަވާސާގައި ބޭއްވި "ހައި-ލެވެލް ރައުންޑްޓޭބަލް އޮން ދަ ސެކަންޑް ޑިކޭޑް އޮފް ދަ ޕެރިސް އެގްރީމަންޓް: އެކްސެލެރޭޓިންގ އިމްޕްލިމެންޓޭޝަން އެންޑް އެކްސެސް ޓު ފައިނޭންސް"ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަކީ ސާފުކޮށް ފެންނަން ހުރި ކަންކަންކަމުގައި ވިދާޅުވިއެވެ. އެގޮތުން، ރާއްޖެއިން ވަނީ މޫސުމީ ވިލުންތެރިކަން ކަށަވަރުކުރެވޭ، މާލީގޮތުން ހަރުދަނާ މަޝްރޫޢުތައް، އެތައް އަހަރުތަކެއްގައި ތަރައްގީކޮށް، މޫސުމީ ވިލުންތެރިކަމަކީ ތަރައްގީގެ އަމާޒުތަކުގެ ތެރެއިން އަމާޒެއްކަމުގައި ހަދާ، ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި އެކަމަށް ވަކާލާތުކޮށްފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ނަމަވެސް، އެފަދަ ނިޒާމުތައް ކާމިޔާބުކަމާއެކު ހިންގުމަށް ބައިނަލްއަޤްވާމީ މާލީ ނިޒާމުގެ ތެރެއިން ފުރުޞަތުތައް ވަރަށް ހަނި ކަމަށާއި އަދި ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކުން އެފަދަ މަޝްރޫއުތައް ހިންގާ، ރައްޔިތުންނާއި ގައުމުގެ ސަލާމަތް ކަށަވަރުކުރުމަށް ދަރަނިވެރިވުމަށް މަޖުބޫރުކުރުވާ ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިފަދަ ގޮންޖެހުންތައް ހައްލުކުރުމަކީ ކުދި ޖަޒީރާ ގައުމުތަކަށް އެކަނި ވާނޭކަމެއް ނޫންކަމަށާއި އެކަމަށް ގުޅިފައިވާ ބައިނަލްއަޤްވާމީ މަސައްކަތްތަކެއް ކުރެވެންޖެހޭކަމުގައި ވިދާޅުވިއެވެ. އެގޮތުން، ކްލައިމެޓް ފައިނޭންސިންގ ވާން ވާނީ ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކުކަމާއި، ގޮންޖެހުންތަކާއި، މާލީ ދަތިތަކަށް އެކަށީގެންވާ ހައްލެއް ހޯދޭފަދަ ފައިނޭންސިންގއަކަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ހުރިހާ ކުދި ޖަޒީރާ ގައުމުތައް އެއް ހަމައަކުން މިނައިގެންނުވާނޭ ކަމަށާއި، އެފަދަ ނާޒުކުކަން މިނާ ހަމައެކަނި ގޮތަކީ އެޤައުމުގެ އިގުތިސާދު ކަމުގައި ވެގެންނުވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެފަދަ ކަންކަން ޙައްލުކުރުމުގައި ކުދި ޖަޒީރާ ގައުމެއްކަމަށްވާ، އެންޓީގާ އެންޑް ބާބިއުޑާގެ އުސޫލުތައް ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި، މޫސުމީ ބަދަލުތަކަށް ވިލުންތެރި ނިޒާމުތައް ގާއިމްކުރުމާއި، މޫސުމަށް ހޭނުމަށް ބޭނުންވާ ފައިސާ ހިމެނޭހެން އެކަށީގެންވާ އަދި ލުއި މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތުތައް ފަހިކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއާއި މޫސުމީ ވިލުންތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ބައިނަލްއަގުވާމީ އެހީތެރިކަން އިތުރަށް ކަށަވަރުކުރުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އެފަދަ ކަންކަން ފަހިކުރުމަށް އެކުލަވާލާފައިވާ ބްރިޖް އިނީޝިއޭޓިވްއަށް މަރުޙަބާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ޕެރިސް އެގްރީމަންޓް އެކުލަވާލުމަށް ވިހިއަހަރު ވެފައިވާކަން ފާހަގަކުރައްވައި، ޕެރިސް އެގްރީމަންޓް އެކުލަވާލެވުނުއިރު، އެއްބަސްވެވުނު އަސާސްތައް ނެގެހެއްޓުމުގައި ގައުމުތަކުން ދެމިތިބުމަށް ގޮވާލައްވަމުންނެވެ. 

އަދި، ބައިނަލްއަގުވާމީ ލީޑަރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވަންވާނޭކަމަށާއި އެފަދަ ފަރާތްތަކުގެ ދައުރު މިނާނީ މިފަދަ ހާލަތްތަކުގައި އެންމެ ނިކަމެތި ފަރާތްތަކުގެ ހައްގުގައި ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް ކަމުގަައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒުރައީސުލްޖުމްހޫރިއްޔާރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުކޮޕް31 ލީޑަރސް ސަމިޓްކޮޕް31
ގުޅުންހުރި ޚަބަރު
ކޮމެންޓް 0