ކްލައިމެޓް ފައިނޭންސް ކަށަވަރުކުރުމަށްޓަކައި، ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އިސްލާހުކުރުމަށް ރައީސް ގޮވާލައްވައިފި

ކްލައިމެޓް ފައިނޭންސް ކަށަވަރުކުރުމަށްޓަކައި، ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އިސްލާހުކުރުމަށް ރައީސް ގޮވާލައްވައިފި

ކުދި ޖަޒީރާ ތަރައްގީވަމުން އަންނަ ގައުމުތައް (ސިޑްސް) އޮތް ނާޒުކު ހާލަތަކީ، ލުއިފަސޭހަ ގޮތެއްގައި ކްލައިމެޓް ފައިނޭންސް ހޯދުމަށް އޮތް ހުރަހަކަށް ނުވާނެކަން ކަށަވަރުކުރުމަށްޓަކައި، ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އިސްލާހުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ކޮޕް31 ގެ ހަވާސާގައި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ގެ ލީޑަރުންނާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 2040 ވަނަ އަހަރު އަންނަންވާއިރަށް ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް އަމާޒުހިފާފައިވާއިރު، މި އަމާޒަށް ވާސިލުވުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ މޫސުމީ ބަދަލުތައްކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ ކްލައިމެޓް ފައިނޭންސާއި، މާލީ ނިޒާމު އިސްލާހުކުރުމާއި، ކަންކަން ތަންފީޒުކުރުމުގެ މައްޗަށް ބިނާކޮށް އަމަލީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ކްލައިމެޓް ފައިނޭންސްގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކްލައިމެޓް ފައިނޭންސް ނުވަތަ މޫސުމީ ބޭނުމަށް ދެވޭ މާލީ އެހީތެރިކަމަކީ އެކަށީގެންވާ މިންވަރަކަށް، ފަސޭހައިން ލިބޭ، ޔަގީންކަން އޮތް އަދި ހިލޭ އެހީގެ ގޮތުގައި ލިބޭ އެއްޗަކަށް ވާންޖެހޭނެކަމަށެވެ. ހާއްސަގޮތެއްގައި ކުރިއަށް ލަފާކުރާ "ސުޕަރ އެލް ނީނޯ" ގެ އަސަރުތަކަށް ރިއާޔަތްކޮށް، މޫސުމީ ބަދަލުތަކަށް ހޭނުމަށް ދޭ މާލީ އެހީ (އެޑެޕްޓޭޝަން ފައިނޭންސް) އިތުރުކުރުމަށާއި، "ލޮސް އެންޑް ޑެމޭޖް ފަންޑު" އަށް އަވަހަށް ފައިސާ ޖަމާކޮށް ފުރިހަމަކުރުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.

މި މައްސަލަ އުފެދުމުގައި ކުޑަވެސް ހިއްސާއެއް ނެތް ގައުމުތަކުން، މި ކާރިސާއާ ކުރިމަތިލުމަށްޓަކައި ބޮޑު އިންޓަރެސްޓުގައި ދަރަނި ނަގަން މަޖުބޫރުވެގެން ނުވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަކީ ތަރައްގީއަށް ހުރަސްއެޅޭ، ނުވަތަ ނާޒުކު ގައުމުތަކަށް ނުއުފުލޭފަދަ ދަރަނީގެ ބުރައެއް އުފުލަންޖެހޭ ކަމަކަށް ވެގެން ނުވާނެކަމަށްވެސް އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.

މާލީ ނިޒާމު އިސްލާހުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މިހާރު މާލީ އެހީތެރިކަން ފޯރުކޮށްދޭ އިންތިޒާމުތައް ހުރި ގޮތުން ނާޒުކު ގައުމުތަކަށް ބޮޑު އަގުގައި ދަރަނި ނެގުމަށް މަޖުބޫރު ވެފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މީގެ ސަބަބުން އެ ގައުމުތަކުގެ ދަރަނީގެ ބުރަ އިތުރަށް ބޮޑުވެ، މާލީ ގޮތުން ހަރަދުކުރުމުގެ ޖާގަ ހަނިވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރާ އިންވެސްޓްމަންޓްތަކުގެ ދިގު މުއްދަތުގެ އިގުތިސާދީ ފައިދާ ވަޒަންކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކަށާއި ކްރެޑިޓް ރޭޓިންގ އޭޖެންސީތަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ކަންކަން ތަންފީޒުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ވާ ވަޢުދުތަކަކީ ޢަމަލީ ގޮތުން ނަތީޖާ ފެންނަ ކަންކަމަށް ބަދަލުވާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ގްލޯބަލް އެލެކްޓްރިފިކޭޝަން (ފޮސިލް ފިއުލް އެންދުމުގެ ބަދަލުގައި އިލެކްޓްރިކް އެހެނިހެން ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުން)، ކުނި މެނޭޖްކުރުން، ސަރކިއުލަރ އިކޮނޮމީ މޮޑެލް އަދި މޫސުމީ ބަދަލުތަކަށް ވިލުންތެރި ސިޓީތައް ބިނާކުރުމަށް ކޮޕް31 ގައި ފަށާފައިވާ އިސްނެގުންތަކަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވިއެވެ. 

އަދި މި މަސައްކަތްތަކަށް އެކަށީގެންވާ މާލީ އެހީތެރިކަމާއި، ޓެކްނޮލޮޖީ ފޯރުކޮށްދިނުމާއި، އަމަލީ ގޮތުން ތަންފީޒުކުރުމުގެ އެހީތެރިކަން ލިބެންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުދި ޖަޒީރާ ގައުމުތަކުން އެދެނީ ސަދަގާތަކަށް ނުވަތަ ހަމްދަރުދީއަކަށް ނޫންކަމަށާއި، އެ ގައުމުތަކުން އެދެނީ މޫސުމީ އިންސާފަށްކަން ރައީސުލްޖުމްހޫރިއްޔާ ކަށަވަރުކޮށްދެއްވިއެވެ. އަދި މަލްޓިލެޓަރަލިޒަމްގެ ހަގީގީ އިމްތިހާނަކީ ވެވޭ ވައުދުތަކެއް ނޫން ކަމަށާއި، ނެރެދެވޭ ނަތީޖާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްގެ ދައުރުގައި ކުދި ޖަޒީރާ ތަރައްގީވަމުން އަންނަ ގައުމުތަކަށް ދެއްވަމުންގެންދަވާ ސާބިތު އެއްބާރުލެއްވުމަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ދައުރު ނިމުމަކާ ގާތްވަމުންދާތީ އެމަނިކުފާނަށް ހެޔޮ އެދުންތައް އަރިސްކުރެއްވިއެވެ.

ރައީސް މުޢިއްޒުރައީސުލްޖުމްހޫރިއްޔާރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުކޮޕް31
ގުޅުންހުރި ޚަބަރު
ކޮމެންޓް 0