ކައުންސިލްގެ ޚަރަދުގައި ޝުއާއު އާއި އިސްމާއީލް މެލޭޝިޔާއަށް

ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ކުރައްވާ މި ދަތުރަކީ ސްމާޓް ނޭޝަން އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެއް

ކައުންސިލްގެ ޚަރަދުގައި ޝުއާއު އާއި އިސްމާއީލް މެލޭޝިޔާއަށް

އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއުއާއި ކައުންސިލަރު އިސްމާއިލް ސައީދު މެލޭޝިޔާއަށް ދަތުރުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ދެ ބޭފުޅުންގެ މި ދަތުރަކީ އައްޑޫ ސިޓީ ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ކުރައްވާ ދަތުރެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއުއާއި ކައުންސިލަރު އިސްމާއިލް ސައީދު މެލޭޝިޔާއަށް ވަޑައިގަންނަވަނީ އެ ގައުމުގައި ބާއްވާ ސްމާޓް ނޭޝަން އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ދަތުރުގައި ކައުންސިލްގެ އިދާރީ މުވައްޒަފަކު ވެސް ބައިވެރިވާނެއެވެ. 

މި އެކްސްޕޯ ކުރިއަށްދާނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ނޮވެންބަރު 19 ގެ ނިޔަލަށެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ހުންނަ މެލޭޝިޔާ އިންޓަނޭޝަނަލް ޓްރޭޑް އެންޑް އެގްޒިބިޝަން ސެންޓަރު (މައިޓެކް) ގައެވެ. އެ ސެންޓަރުގައި އެކްސްޕޯ ކުރިއަށްދާ ފުރަތަމަ ދެ ދުވަހު ހެނދުނު 10:00 އިން ހަވީރު 6:00 އަށް، އަދި ފަހު ދުވަހު ހެނދުނު 10:00 އިން ހަވީރު 5:00 އަށް އާންމުކޮށް ހުޅުވާލާފައި ހުންނާނީ ސިނާއަތުގެ ފަންނީ ފަރާތްތަކަށާއި ދައުވަތު ދެވޭ މެހެމާނުންނަށް އެކަންޏެވެ.

މިއީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުން އިތުރުކުރުމަށާއި ޒަމާނީ އާބަން އީޖާދުތައް ދައްކާލުމަށް މެލޭޝިޔާގައި ބާއްވާ އެންމެ އިސް މަންސައެވެ. މި އެކްސްޕޯ ބިނާވެފައިވަނީ މައިގަނޑު ތިން ދާއިރާއެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފައިބާ އޮޕްޓިކްސްއާއި 5ޖީ އަދި އައިއޯޓީ ފަދަ ވަސީލަތްތައް ހިމެނޭ އިންފްރާސްޓްރަކްޗާ އެންޑް ކަނެކްޓިވިޓީގެ ދާއިރާއާއި، ޑިޖިޓަލް ވޮލެޓާއި އީ-ގަވަނަންސް ފަދަ ހިދުމަތްތައް ހިމެނޭ ފިންޓެކް އެންޑް ޑިޖިޓަލް އިކޮނޮމީގެ ދާއިރާއެވެ. މީގެ އިތުރުން، އާންމު ދަތުރުފަތުރާއި އީވީ ޗާޖިން އަދި ހަކަތައިގެ ނިޒާމުތައް ގުޅުވާލަދޭ މޮބިލިޓީ އެންޑް އެނާޖީ ކޮރިޑޯސްއަކީ ވެސް މި އެކްސްޕޯގެ މައިގަނޑު ތަނބެކެވެ.

އައްޑޫ ސިޓީ ކައުންސިލްމުޙައްމަދު ޝުއާއުއިސްމާއިލް ސައީދް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0