ސްރީލަންކަން އެއާލައިނުން ގަމަށް ހަފުތާއަކު ތިން ދަތުރު ކުރަން ނިންމައިފި
މި ބަދަލަށް އަމަލުކުރަން ފަށާނީ ގަމަށް ސީދާ ދަތުރުތައް ފެށިތާ 10 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ޑިސެމްބަރު 10 ގައި
ސްރީލަންކަން އެއާލައިނުން އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ޝެޑިއުލް ދަތުރުތައް ހަފުތާއަކު ތިން ދަތުރަށް އިތުރުކުރަން ނިންމައިފިއެވެ
އެ އެއާލައިނުގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ) ކަމަށްވާ އޭސް އޭވިއޭޝަން ސާވިސަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފިރާޤު ފޭސްބުކްގައި ބުނެފައިވަނީ އަންނަ ޑިސެންބަރު 10 އިން ފެށިގެން މި ބަދަލަށް އަމަލުކުރަން ފަށާއިރު، މިއީ ރާއްޖޭގެ ދެކުނާއި ބައިނަލްއަގުވާމީ މަންޒިލްތަކާ ދެމެދު އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅި ފިޔަވަޅެކެވެ.
އޭސް އޭވިއޭޝަނުން ބުނި ގޮތުގައި، ހަފުތާއަކު ތިން ދަތުރު ބާއްވަން ފެށުމުން، ސްރީލަންކަން އެއާލައިނުގެ މައި މަރުކަޒު ކަމަށްވާ ކޮލަމްބޯ މެދުވެރިކޮށް ގަމުން ދުނިޔޭގެ އެކި ކަންކޮޅުތަކަށާއި، ބޭރުގެ މަންޒިލްތަކުން ގަމަށް ދަތުރުކުރާ ފަސިންޖަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެއެވެ. އަދި މި ބަދަލުގެ ސަބަބުން އައްޑޫ ސިޓީއާއި، ފުވައްމުލަކާއި، ދެކުނުގެ އަތޮޅުތަކުގެ ފަތުރުވެރިކަމާއި ވިޔަފާރިއާއި ދަތުރުފަތުރުގެ ފުރުސަތުތައް އިތުރަށް ފުޅާވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިކަމާ ގުޅިގެން އޭސް އޭވިއޭޝަނުން ވަނީ އެ ކުންފުނީގެ ސޭލްސް އޮފީސްތަކަށާއި، އެތެރޭގެ އުދުހުންތައް ބާއްވާ އެއާލައިންތަކަށާއި، ގަމާއި ފުވައްމުލަކާ ދެމެދު ގަވާއިދުން ފެރީގެ ހިދުމަތް ދޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ހިމެނޭ ގޮތަށް ކަނޑު ދަތުރުފަތުރުގެ ހިދުމަތް ދޭ ފަރާތްތަކުގެ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
ސްރީލަންކަން އެއާލައިނުން ގަމަށް ސީދާ ބައިނަލްއަގުވާމީ ދަތުރުތައް ފެށީ ޑިސެންބަރު 1، 2016 ގައެވެ.