އައްޑޫ ސިޓީ ޤުރުއާން ކިޔެވުމުގެ މުބާރާތް ފަށައިފި
އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކުރާ މި މުބާރާތުގައި 341 ބައިވެރިން ވާދަކުރޭ
އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އައްޑޫ ސިޓީ ގުރުއާން ކިޔެވުމުގެ މުބާރާތް 2026 ގެ ކިޔެވުން އައްޑޫ ހައި ސްކޫލް ހޯލްގައި ފަށައިފިއެވެ.
މި މުބާރާތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ނޮވެންބަރު 15 ވަނަ ދުވަހުއެވެ. އަދި ނޮވެންބަރު 19 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތުގެ ކިޔެވުން ކުރިއަށްދާނެއެވެ.
މި އަހަރުގެ މުބާރާތުގައި ޖުމްލަ 341 ބައިވެރިން ވާދަކުރާއިރު، އޭގެ ތެރޭގައި ބަލައިގެން ކިޔެވުމުގެ ގޮފީގައި 239 ބައިވެރިންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 102 ބައިވެރިން ހިމެނެއެވެ.
އައްޑޫ ސިޓީގެ 9 ސްކޫލަކުން 229 ދަރިވަރުން ބައިވެރިވެފައިވާއިރު، އެންމެ ގިނަ ދަރިވަރުން ވާދަކުރަނީ ހިރާ ސްކޫލުން (46 ބައިވެރިން) އަދި ޝަރަފުއްދީން ސްކޫލުން (44 ބައިވެރިން) ނެވެ. މީގެ އިތުރުން ހިތަދޫ ސްކޫލް، ފޭދޫ ސްކޫލް، ޑްރީމްޓައިމް އައްޑޫ އިންޓަނޭޝަނަލް ސްކޫލް، މަރަދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް، އައްޑޫ ހައި ސްކޫލް އަދި ނޫރާނީ ސްކޫލުން ދަރިވަރުން ވާދަކުރެއެވެ.
މީގެ އިތުރުން މި މުބާރާތުގައި 8 ގުރުއާން ކްލާހަކުން ޖުމްލަ 100 ބައިވެރިން ވާދަކުރެއެވެ. އޭގެ ތެރޭގައި އަހިއްބާއުލް ގުރްއާން، އައިއާރު ގުރުއާން ކްލާސް، ސަބީލުލް ގުރްއާން ކްލާސް، ޒިޔާއުލް ގުރްއާން، އަހްލުލް ގުރްއާން ކްލާސް، ތައުލީމުލް ގުރްއާން، ދާރުލް ނޫރު ގުރުއާން ކްލާސް އަދި އާއިޝަތު ސައުދިއްޔާ ގުރުއާން ކްލާސް ހިމެނެއެވެ. މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން 4 ބައިވެރިންނާއި، އަމިއްލަ ގޮތުން 2 ބައިވެރިން އަދި އެހެނިހެން ފަރާތްތަކުން 6 ބައިވެރިން ވާދަކުރެއެވެ.
މި މުބާރާތުގެ އިސް ފަނޑިޔާރަކަށް ހަމަޖައްސާފައިވަނީ އައްޝައިހް ނަސްރުﷲ އަލީއެވެ. ފަނޑިޔާރުންގެ ޕެނަލްގައި ދެން ހިމެނިވަޑައިގަންނަވަނީ އައްޝައިހް އަހްމަދު ރިޔާޟް އަދި އައްޝައިހް އަލީ ޝަހީދެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި މުބާރާތުގެ މަގުސަދަކީ ރައްޔިތުންނާއި ދަރިވަރުންގެ ހިތްތަކުގައި ގުރުއާނަށް ލޯބިޖެއްސުމާއި، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔެވުމުގެ ހުނަރު އަށަގެންނެވުމާއި، ގައުމީ މުބާރާތްތަކަށް ހުނަރުވެރި ދަރިންތަކެއް ބިނާކުރުމެވެ.