ބީޗް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން މައިލޯ ސިޓީގެ މާޖިދާއާއި ހައްވަ އަށް

ބީޗް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން މައިލޯ ސިޓީގެ މާޖިދާއާއި ހައްވަ އަށް

ވީއޭއެމް ބީޗް ވޮލީ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އައްޑޫ ސިޓީގެ މައިލޯ ސިޓީ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުގައި މައިލޯ ސިޓީގެ ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާގެ ޕެއާ ވަނީ ފަހަތުންއަރައި، 2-1 ސެޓުން ޔުނައިޓެޑް މައިލޯގެ އައިޝަތު އަރީޝާއާއި ފާތިމަތު އަނާލްގެ ޕެއާ ބަލިކޮށްފައެވެ.

މާލޭ ބީޗް ވޮލީ ކޯޓުގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުގެ ފުރަތަމަ ސެޓު 21-16 އިން ޔުނައިޓެޑް މައިލޯގެ ޕެއާ ގެންގޮސްފައިވަނިކޮށް، ދެންޖެހިގެންއައި ސެޓު 21-14 އިން ކާމިޔާބުކުރީ މައިލޯ ސިޓީންނެވެ. އެއަށްފަހު، ދެން ކުޅެވުނު ތިންވަނަ ސެޓު ވާދަވެރި ކުޅުމަކަށްފަހު، 17-15 އިން ކާމިޔާބުކޮށް، މައިލޯ ސިޓީގެ މާޖިދާއާއި ހައްވަ ވަނީ ޗެމްޕިއަންކަން ހޯދައިފައެވެ.

ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލަށް މައިލޯ ސިޓީ ދަތުރުކުރީ، ލޫޒާސް ބްރެކެޓުގެ ފައިނަލުގައި ބީޗް ބޭބީސްގެ ޕެއާ ބަލިކޮށްގެންނެވެ. ޔުނައިޓެޑް މައިލޯއިން ފައިނަލު ޖާގަ ހޯދީ ވިނާސް ބްރެކެޓުގައި މައިލޯ ސިޓީ ބަލިކުރުމަށްފަހު، ސައްތައިން ސައްތައިގެ ރެކޯޑަކާއެކުއެވެ.     

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއެކު މައިލޯ ސިޓީ ވަނީ ކުރިއަށްއޮތް ގައުމީ ބީޗް ވޮލީބޯޅަ ލީގަށް ކޮލިފައިވެފައެވެ. ރަނަރަޕް ޓީމުގެ ގޮތުގައި ޔުނައިޓެޑް މައިލޯއަށް ވެސް މި މުބާރާތުން ވަނީ ފުރުސަތު ލިބިފައެވެ.

އައްޑޫ ސިޓީވީއޭއެމްބީޗް ވޮލީ ޗެމްޕިއަންޝިޕްބީޗް ވޮލީޔުނައިޓެޑް މައިލޯމައިލޯ ސިޓީ ސްޕޯޓްސް ކްލަބް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0